ބްލޮގް

މިހާރު ރާއްޖޭގެ ބައެއް ރަށްތަކުގައި ފެތުރެމުންދާ ކަޅުކޫޑީގެ މައުލޫމާތާއި ކޮންޓްރޯލް ކުރަން އެޅިދާނެ ބައެއް ފިޔަވަޅު

19 މާރިޗު 2023

Mohamed Shaarif Hassan Saabig

ރާއްޖޭގެ އުތުރުގެ ގިނަ އަތޮޅުތަކުން ،  ޚާއްސަކޮށް ހއ، ހދ، އަދި ށ އަތޮޅުން ހުދު ކޫޑީގެ އައު ވައްތަރެއް ކަމަށްބެލެވޭ "އެލިއުރީޓްރެޗެލަސް އެޓްރަޓަސް" ފެތުރި ރުއްތަކަށާއި ރަށުތެރޭގައި ހުންނަ އެހެނިހެން ގަސްތަކަށް ނުސީދާގޮތުން ދަނީ ގެއްލުން ލިބެމުންނެވެ .ނިސްބަތުން ތިރިކޮށް ހެދިފައި ހުންނަ ރުއްތަކުން މިބާވާތް އާންމުކޮށް ފެންނަމުން ދާއިރު ޖާފާނު ރުއްތަކަށް ގެއްލުން ލިބޭ މިންވަރު ބޮޑުކަމަށް ފާހަގަކުރެވެއެވެ.

"އެލިއުރީޓްރެޗެލަސް އެޓްރަޓަސް" ހުދު ކޫޑިއަކީ ފަތްތަކުގެ ދިޔަ ބޮއެގެން ގަހަށް ހަމަލާދޭ އެއްޗެކެވެ. މިސޫފީގެ ޒަރިއްޔާއިން އެއްގަހުން އަނެއްގަހަށް އެކިބަލިތައް ފެތުރުމުގެ ފުރުސަތުބޮޑެވެ.

ބަލިޖެހިފައިވާ ރުކެއް

މިބާވަތުގެ ހުދު ކޫޑީގެ އަސަރު ފަންތަކުގެ ދަށްފުށުން ބޮޑަށް ފެންނައިރު ، ފަންތަކުގެ ދިޔަ ބުއިމަށްފަހު ފަންތަކުގެ މަތީފުށަށް، އަދި އެހެނިހެން ގަސްގަހުގެ ފަތްތަކަށް ދޫކޮށްލާ  ހަކުރުއެކުލެވޭ މާއްދާއެއް ކަމަށްވާ "ހަނީ ޑިއު" ދޫކުރެއެވެ. އަދި އޭގެ މަތީގައި "ސޫޓީ މޯލްޑް" ކިޔާ ކަޅުކުލައިގެ މިފަންގަސް ޖެހުމުން ފަތްތަކުގެމަތީފަށަލަ ކަޅުކުލައަށް ބަދަލުވެ، އަދި މިކަޅުކުލައަކީ ފަންގަސްގެ "މައިސީލިއަމް"އެވެ. މިފަންގަސްގެ ސަބަބުން އަވީގެ ހަކަތަ ބޭނުންކޮށްގެން ގަސްތައް ހެދިބޮޑުވުމަށް ކުރާ މަސައްކަތަށް ބުރޫއަރައެވެ. ނަތީޖާއެއްގެގޮތުން ގަސްތަކުގެ ހެދިބޮޑުވުން ޖުމްލަގޮތެއްގައި ހުއްޓި މަތިވަރު ދައްވެގެންދެއެވެ.ފެންނަފެނުމަށް ސިފަ ވެގެންދަނީ ގަސްތަކަށް ކަޅު ކުލައިގެ ސްޕްރޭ ކޮށްފައި ހުންނަހެނެވެ. އުތުރުގެގިނަ ރަށްތަކުގެ މަލަމަތި މިހާރުވަނީ ކަޅުވެފައެވެ. ސަބަބަކީ ރުކުގެ އިތުރުން އެންމެ ބިޔަ ނިކަގަސް، ފުނަގަސް، އަނބު އަދި ބަނބުކެޔޮ ގަސްތަކުގައިވެސް ވަނީ ކަޅުފޫ ޖަހާފައެވެ.

މިކަމުގެ ނޭދެވޭ އަސަރު ސީދާގޮތުން އަދި ނުސީދާގޮތުން ރުކުގެބާވަތްތަކުން ނަފާހޯދާ ފަރާތްތައްކަމަށްވާ ކުރުނބާ، ކާށި، ގަބުޅި ވިއްކާފަރާތްތަކާއި ރުކުގެ ފަންވިޔުންފަދަ މަސައްކަތްތައް ކުރާފަރާތްތަކަށް ފޯރައެވެ. ހަމައެހެންމެ މޫސުމީގޮތުން ލިބޭ ބައެއް ބާވަތްތައްކަމުގައިވާ ބަނބުކެޔޮ، އަނބު، ޖަނބުރޯލް ފަދަ ބާވަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށްވެސް މީގެ ނޭދެވޭ އަސަރުކުރެއެވެ.

ރުކުގެ ފަނުގައި ކަޅު ކޫޑި ޖަހާފައި

ހުދު ކޫޑީގެ މައިގަނޑު 2 ވައްތަރެއް ރާއްޖޭގައި ކުރިންވެސް އުޅޭކަމަށް ރިކޯޑް ކުރެވިފައިވާއިރު މި ދެ ވައްތަރުންވެސް ދިވެހިރުކަށް ގެއްލުންދޭ ކަމަކަށް ކުރީގައި ރިކޯޑްކުރެވިފައި އަދި ފާހަގަ ކުރެވިފައެއް ނެތެވެ. މިހާރު މިއުޅޭ ވައްތަރަކީ އަވައްޓެރި ސްރީލަންކާ އަދި އިންޑިއާއިންވެސް ރުކަށް ގެއްލުންދޭކަމަށް ފާހަގަ ކުރެވޭ މައިގަނޑު 4 ވައްތަރުގެ ތެރެއިން ވައްތަރެއް ކަމަށް ފާހަގަކުރެވެއެވެ.

ބެލެވޭގޮތުގައި ރާއްޖެއަށް މިބާވަތް އެތެރެވަނީ އިމްޕޯޓްކުރާ ރުއްގަހާއި، އެހެނިހެން ގަސްގަހާގެހީގެ ބައިތަކުގެ ޒަރީއާއިންނެވެ. މިކޫޑިއަށް ހަމަލާދޭނެ އެހެން ސޫތްޕެއް ނުވަތަ މިކޫޑިއަށްޖެހޭ އިތުރުބައްޔެއް ފަދަ ގުދުރަތީގޮތުން ކޮންޓްރޯލް ވާނެ ނިޒާމެއް ރާއްޖޭގެ މާހައުލުގައި ނެތުމުން ބާރު ސްޕީޑެއްގައި މިބަލި ފެތުރެން މަގުފަހިވެއެވެ.

މިފަދަ ބަލިތައް ފެތުރެމުންދާއިރު ބަލި ކޮންޓްރޯލް ކުރުމަށް ފަރުދީ ގޮތުންވެސް އެޅިދާނެ ބައެއް ފިޔަވަޅުތައް ހުރެއެވެ. އޭގެތެރޭގައި މިބަލި ހުރިކަން ފާހަގަކުރެވިފައިވާ ރަށްތަކުން ރުއްގަސް ގެނައުމުން ދުރުހެލިވާންޖެހެއެވެ. މިބައްޔަކީ ފެތުރެން ފެށުމުން ކޮންޓްރޯލްކުރަން ވަރަށް އުނދަގޫ އެއްޗެކެވެ. ސަބަބަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ބަލި ކޮންޓްރޯލް ކުރަން ކެމިކަލް ސްޕްރޭ ބޭނުންކުރުމަކީ އެދެވިގެންވާ ކަމަކަށް ނުވުމެވެ.

ކަޅުކޫޑީގެ އަސަރު ކޮށްފައިވާ ރުކެއް

މިމައްސަލަ ހައްލުކުރުމަށް އަވަށްޓެރި އިންޑިއާ ސްރީލަންކާ ފަދަ ޤައުމުތަކުގައި ތަޖުރިބާ ކޮށްފައިވާ ފަދައިން އަވަސް ހައްލެއްގެ ގޮތުގައި ހިތިއޮށުތެލާއި (ނީމްއޮއިލް) ސައިބޯނިފެން ބޭނުންކޮށްގެން ބަލިޖެހިފައިވާ ގަސްތަކަށް ސްޕްރޭކޮށްގެން ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ.ހަނީޑިއު އުފައްދާ ސޫފިތަކުގެ އަދަދު މަދުވުމުން ހަނީޑިއު އުފެއްދުން މަދުވެ، "ސޫޓީ މޯލްޑް" މަޑުމަޑުން މަދުވާނެއެވެ. ފަންގަސް ބަލި ނައްތާލުމަކީ އުނދަގޫ ކަމަކަށްވީނަމަވެސް ދުރާލާ މިގޮތަށް ސައިބޯނި ފެންޖަހައިގެން ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ.

ޖުމްލަކޮށް މިމައްސަލަ ފާހަގަކުރެވިފައިނުވާ ރަށްރަށުގެ ދަނޑުވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ، މައްސަލަ ފާހަގަވުމުން، ރަށު ކައުންސިލް މެދުވެރިކޮށް ލަސްނުކުރައްވާ މިނިސްޓްރީއަށް އެންގެވުމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.

ރުއްގަސްތަކާއި ދަނޑުތައް ގަވާއިދުން މޮނިޓަރ ކުރުމަކީ ބަލިހުރިކަމުގެ އެއްވެސް އަލާމާތެއް އަވަހަށް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީމިފަދަ ބަލިފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބަލިން ރައްކާތެރިވާން ގަސްތައް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުން މުހިންމެވެ. ދުޅަހެޔޮ ގަސްގަހާގެއްސަކީ ބަލިޖެހުމުގެ ފުރުސަތު ކުޑަ ގަސްތަކެކެވެ. އެހެންކަމުން ގަސްތަކަށް ރަނގަޅަށްފެންދީ، ރަނގަޅަށް ކާނާ ލިބިފައިވާ ގަސްތަކަކަށް ހެދުމުންބަލިޖެހުން ކޮންޓްރޯލްވެއެވެ.

ބަލިފެތުރިފައިވާ ރުކެއް

ދަނޑުތަކުގެ ސާފުތާހިރުކަމުގެ ރަނގަޅު އުސޫލުތަކުގެ ސަބަބުން ބަލިފަތުރާ ސޫފާސޫފިތަކާއި ބަލިތައް ގިނަވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ދަނޑުތަކާއި ސާމާނު ސާފުކޮށް ބެހެއްޓުމާއި، މަރުވެފައިވާ ނުވަތަ ބަލިވެފައިވާ ގަސްގަހާގެހި އަވަހަށް ނައްތާލުން މުހިއްމެވެ.

ރާއްޖެއަކީ ގަސް އިންދާ ހެއްދުމުގެ މަސައްކަތުގައި ކުރި ހޯދަމުންދާ ޤައުމަކަށްވެފައި މިފަދަ ބައްޔެއް ފެތުރުމުން ބަލިތަކުގެ ސަބަބުން ގަސްގަހާގެހިތަކަށް ގެއްލުން ލިބި ނުވަތަ މަރުވެ، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ދަނޑުވެރިންނަށް މާލީ ގެއްލުންތަކެއް ލިބި، ކާބޯތަކެތީގެ ސަޕްލައިއަށް އަސަރުފޯރައެވެ. ޕެސްޓިސައިޑް އާއި އެހެނިހެން ފަރުވާތައް ބޭނުންކޮށްގެން އިންފެސްޓޭޝަން ކޮންޓްރޯލްކުރުމަކީ ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. މި ފަރުވާތަކުގެ ސަބަބުން ފައިދާހުރި ސޫފިތަކާއި ގަސްގަހާގެހި ޕޮލިނޭޓްކުރަން އެހީތެރިވާ އެހެނިހެން ދިރޭތަކެއްޗަށް ގެއްލުން ލިބި، ބަޔޯޑައިވަރސިޓީ ދަށްވެދާނެއެވެ. އެހެންކަމުން ދަނޑުވެރިކަމުގެ އިތުރުން ރާއްޖޭގެ އިޤްތިސާދަށްވެސް އޭގެ އަސަރުކުރާނެއެވެ. މި ނުރައްކާތައް ކުޑަކުރުމަށްޓަކައި ގަސްގަހާގެހީގައި ފެތުރޭބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމަކީމުހިންމު ކަމެކެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024