

27 މޭ 2021
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ޚާއްސަކޮށްގެން ފަށާފައިވާ މި މަޝްރޫގެ ދަށުން, ދިވެހި ދަނޑުވެރިންނަށް ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެން ދާނެއެވެ. އެގޮތުން ދަނޑުވެރިކަމާ ގުޅޭގޮތުން ދަނޑުވެރިންނަށް ޚާއްސަ ތަމްރީނުތަކެއް ދިނުމުގެ އިތުރުން, ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓްކުރުމަށް ދާއިމީ ހައްލެއް މި މަޝްރޫގެ ސަބަބުން ލިބިގެންދާނެއެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ވުޖޫދަށް އައީ ނިމުނު އަހަރުގެ އެޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. ޒުވާނުންނަށާއި އަންހެނުނަށް ޚާއްސަކޮށްގެން ތަފާތު ދަނޑުވެރިކަމުގެ ތަފާތު އެތަށް ހަރަކާތްތަކެއް ކުރަން ކަނޑައަޅާފާވާއިރު މިއީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުންނަށް އަމިއްލަ ވަޒަނުގައި ތިބެގެން އާމްދަނީ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ޔަޤީނެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ވަނީ މި ހިނގާ މެއި މަހުގައި އެކުންފުނީގެ ވެބް އަދި މޮބައިލް އެޕް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އެދި އިއުލާނު ކޮށްފައެވެ. މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ މި ފުރުސަތަކީވެސް ކޯވިޑްގެ މި ބަލިމަޑުކަމުގައި ކުރިއަށް ދިޔުމަށް ހުރަސްއެޅިފައި ތިބި އެތަށް ބަޔަކަށް ކުރިޔަށް ދިޔުމަށް ލިބޭ ފުރުސަތެކެވެ.

ދިވެހި ދަނޑުވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތުމާއި އަދި ދަނޑުވެރިކަމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ލިބުމަށް ދަތިވުން ކަމަށްވާއިރު, ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެގްރޯނެޓްގެ މަސައްކަތްތައް ކުރިއަށްދާތާ އަހަރެއް ފާހަގަކޮށްފައިވަނީ ނިމުނު އެޕްރިލް މަހުގައެވެ.