ޚަބަރު

އެގްރޯނެޓުން ކ. ކާށިދޫ މާރުކޭޓުގައި ތަރައްޤީކުރި ލޯކަލް މާރުކޭޓް

26 މާރިޗު 2024

Ahmed Zaki

އެގްރޯނެޓުން “ކާށިދޫ މާރުކޭޓު” ގެ ނަމުގައި ކ. ކާށިދޫގައި ބިނާކުރެވިފައިވާ މާރުކޭޓަކީ އަންހެނުންނާ ޒުވާނުންގެ އިތުރުން އެހެނިހެން ރައްޔިތުން އުފައްދާ ދިވެހި އުފެއްދުންތައް ކާށިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ގަނެ ވިއްކޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ރައީސް ޑރ. މުޢިއްޒުގެ ހަފުތާ ސާދައިގެ މަގުޗާޓުގައި ކަނޑައަޅުއްވާފައިވާ ވަޢުދާ އެއްގޮތްވާގޮތުގެ މަތިން މިކުންފުނީގެ އިޖްތިމާޢީ އެހީގެ ޕްރޮގްރާމްގެ މާލީ އެހީގެ ދަށުން ބިނާކުރެވިފައިވާ މާރުކޭޓެކެވެ.

ކާށިދޫ މާރުކޭޓް ރަސްމީކޮށް ހުޅުވީ 23 ފެބުރުއަރީ 2024 ވީ ހުކުރު ދުވަހުގެ ހަވީރު 17:00 ގައެވެ. މާރުކޭޓް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ކާށިދޫ ކައުންސިލްގެ ނައިބު ރައީސާ އަލްފާޟިލާ ސަހުލާ ޒާހިރެވެ. މާރުކޭޓް އިފްތިތާޙް ކުރުމަށް ބޭއްވުނު ޙަފުލާގެ ތެރޭގައި މާރުކޭޓުން ގޮޅި ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ވަނީ ޙަވާލުކުރެވިފައެވެ.

މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ހުޅުވުނު ފުރަތަމަ މާރުކޭޓެވެ. އެގްރޯނެޓްގެ އުންމީދަކީ ކާށިދޫގެ އިތުރުން އެހެނިހެން ރަށް ރަށުގައި ވެސް މިފަދަ މާރުކޭޓުތައް އެޅޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިޔުމެވެ.

އެގްރޯނެޓާ އެކު ސޮއި ކުރެވިފައިވާ ފަހުމުނާމާއެއްގެ ދަށުން ކާށިދޫ މާރުކޭޓު ހިންގާނީ ކާށިދޫ ކައުންސިލުންނެވެ. ގޮޅިތައް ކުއްޔަށް ދޭނެ ފަރާތްތައް ކަނޑައެޅުއްވުމުގެ އިތުރުން މާރުކޭޓު ހިންގާ ބަލަހައްޓާނީ ވެސް ކައުންސިލުންނެވެ. މި މާރުކޭޓުގައި ޖުމްލަ 5 ގޮޅި ހިމެނެއެވެ. އަދި މާރުކޭޓު ފަރުމާކުރެވިފައި ވަނީ ގޮޅިތައް އިތުރު ކުރެވޭނެ ގޮތަށެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024