ބްލޮގް

އެގްރޯނެޓުގެ ދަނޑުވެރިކަމުގެ ކާމިޔާބު 1 އަހަރު

27 މޭ 2021

ސަރުކާރުގެ އިޤުދިޞާދީ ސިޔާސަތުގެ ދަށުން ވިޔަފާރި ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމުގެ އެންމެހާ އިންތިޒާމްތަކެއް ކުރުމަށްޓަކައި، އެގުރޯ ނޭޝަނަލް ކޯޕަރޭޝަން އުފެއްދެވީ 21 އޭޕްރިލް 2021 ގައެވެ. ފާއިތުވި އަހަރަކީ ދަނޑުވެރިކަމުގެ ރޮނގުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. އެހެންކަމުން ދިވެހި ސަރުކާރާއި އެހީ ދޭ ފަރާތްތަކާއި ހީވާގި ދަނޑުވެރިންނާއި ކޯޕަރޭޝަންގެ އިޚްލާޞްތެރި  މުވައްޒަފުންނަށް އައްސަރިބަހާ ސާބަހެެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އިޤްތިސާދީ ވަސީލަތްތައް ހޯދުމާއި ތަރައްޤީ ކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޕުރޮގުރާމެއްގެ ގޮތުގައި ކޮންޓްރެކްޓް ފާމިންގ ވަނީ ތަޢާރުފު ކުރެވިފައެވެ.  މިޕްރޮޖެކްޓްގެ މައިގަނޑު ލަނޑުދަނޑިއަކީ ދަނޑުވެރިކަމުގެ ފުއްދުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ އެކަށޭނެ މިންވަރުތަކެއް ޔަޤީންކުރުމުގެ ވިސްނުން ފުޅާކުރުމެވެ. މިފަދަ ތަޞައްވުރެއް ޙާޞިލު ކުރެވޭނީ ދަނޑުވެރިންގެ މެދުގައި ތަނަވަސް,  ފުއްދުންތެރި އަދި ތިމާވެއްޓާއި ރަޙްމަތްތެރި ވިޔަފާރިކުރުމުގެ އުކުޅުތައް އާލާކޮށް ، ދަނޑުވެރި   ވިޔަފާރިތަކެއްގެ އައު ޖީލެއް އުފެއްދިގެންކަން މިކޯޕަރޭޝަނުން ޤަބޫލު ކުރަމެވެ. އެގޮތުން  ކުދި  އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް  ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިކަން  ފޯރުކޮށްދީ  އިޤްތިޞާދީ ޢާންމު ޙާލަތަށް ވާޞިލުވުމަށް  މިކުންފުނީގެ ދަނޑުވެރިކަމުގެ މަޝްރޫޢުން އެހީތެރިކަން ލިބެމުންދެއެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން  45 ރަށެއް ގައި ކޮންޓްރެކްޓް ފާމިންގ (އިންތިޒާމު ކުރެވިގެން ކުރެވޭ ދަނޑުވެރިކަމެއް) ތަޢާރުފުކޮށް، ދަނޑުވެރިކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަން އުފަލާއި އެކު ފާހަގަ ކުރަމެވެ. އިންތިޒާމު ކުރެވިގެން ކުރެވޭ ދަނޑުވެރިކަމުގެ މިމަޝްރޫޢުގެ ދަށުން އުފައްދާނެ 17 ބާވަތެއް ކަނޑައެޅުމަށް ފަހު، ކޮންމެ ދަނޑުވެރިއަކު ވެސް ހައްދާނެ ދެބާވަތެއް އިޚުތިޔާރު ކުރުމުގެ ފުރުޞަތު ވަނީ ދެވިފައެވެ. އަދި ދިވެހި ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މިކޯޕަރޭޝަނުން ގަނެ ބާޒާރުގައި ވިއްކުމުގެ އިންތިޒާމުތައް ވަނީ ކުރެވިފައެވެ. ޒަމާނުންސުރެ ރާއްޖޭގެ ދަނޑުވެރީން ތަޙައްމަލު ކުރަމުން ގެންދާ މާރކެޓު ކުރުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިއްޖެއެވެ. ދިވެހި ދަނޑުވެރިންގެ ފަރާތުން ލިބޭ އެއްބާރު ލުމާއި ޝައުގުވެރިކަން ފާހަގަ ކޮށްލެވެއެވެ. މިހާތަނަށް 1500 އަށް ވުރެ ގިނަ ދަނޑުވެރިން ވަނީ މިމަޝްރޫޢު ގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅުއްވާފައެވެ.  އަދި 400 ފަރާތަކާއި އެއްބަސްވުންތަކުގައި ސޮއި ކުރެވި، އިތުރު 779 ފަރާތަކާއި އެކު އެގުރިމެންޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ކޯޕަރޭޝަންގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް ދާއިރު، ދަނޑުވެރިންގެ މަސައްކަތުން ކޮންޓުރެކްޓް ފާމިންގެ ފޮނި މީރުކަން މިހާރު ދަނީ ލިބެމުންނެވެ. މިކޯޕަރޭޝަންގެ ދަނޑުވެރިންގެ އުފެއްދުންތައް ވަނީ ބާޒާރަށް ނެރެވިފައެވެ. އެގޮތުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ބާޒާރު ކުރެވިގެން ދިއުމަކީ ބާޒާރުގައި އާދަޔާ ޚިލާފަށް އަގުތައް އުފުލިގެންދާ މައްސަލައަށް ލުޔެއް ލިބޭނެކަމެކެވެ.

ސުކޫލުތަކުގެ ނާސްތާ ޕުރޮގުރާމަށް ބޭނުންވާ ބޭނުންވާ ފަތްކޭލާއި ކުކުޅު ބިސް ފޯރުކޮށް ދިނުމުގެ މަސައްކަތް ކާމިޔާބު ކަމާއި އެކު ހިންގޭ ކަމީ އުފަލާއި އެކު ފާހަގަ ކުރާ ޤައުމީ މަސައްކަތެކެވެ. މިޕުރޮގުރާމްގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، މިކޯޕަރޭޝަންގެ މުވައްޒަފުން ގެންދަވަނީ އަތޮޅުތަކުގައި ޙަރަކާތްތެރި ވަމުންނެވެ. އެގޮތުން މިހާރު ވެސް މިކޯޕަރޭޝަންގެ 15 ރަށު ކޯޑިނޭޓަރުންނާއި، 17 އަތޮޅު ކޯޑިނޭޓަރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމީ އަހަރު ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ކަމެކެވެ. އެގުރޯ ނޭޝަނަލް ކޯޕަރޭޝަންގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އިންތިޒާމް ކުރެވިގެން ކުރެވޭ ދަނޑުވެރިކަމެއް ތަރައްޤީކޮށް، ބަރޯސާ ވެވޭ އިޤުތިޞާދީ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމެވެ.

ޝުކުރިއްޔާ!

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024