ޚަބަރު

ކޮންޓްރެކްޓް ފާރމިންގ- މަޝްރޫއުގައި ބައިވެރިވުމަށް 1500 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައި – އަދި 500 ދަނޑުވެރިންވަނީ މިހާތަނަށް ރަޖިސްޓްރީކޮށްފައި

18 މޭ 2021

ފުރަތަމަ އަހަރު އޮޕަރޭޝަންސް ނިމުމަކަށް އައިއިރު، އެގްރޯނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަންނަނީ މަޑުމަޑުން ކުރިއަރަމުން އަދި ކުންފުނީގެ މޫތައް ޤައުމުގެ އެކި ކަންކޮޅުތަކަށް ފެތުރެންވަނީ ފަށާފައެވެ. މިގޮތުގެ މަތިން ސަރުކާރުގެ މެންޑޭޓުގަ ހިމެނޭ ދަނޑުވެރިކަން "ކޮންޓްރެކްޓް ފާރމިންގ"ގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން މީހުން ދިރިއުޅޭ 45 ރަށް ފާހަގަ ކުރުމަށްފަހު، އެރަށްރަށަށް އެގްރޯނެޓުން ވަނީ ޒިޔާރަތްކޮށް ކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހު ޕީ. އެސް. އެމް.ގެ ރާއްޖެ މިއަދު ޝޯވގައި ވާހަކަފުޅު ދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހާރޫން ރަޝީދު ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް 1500 އަށްވުރެ ގިނަ ދަނޑުވެރިންވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިހާތަނަށް 500 ދަނޑުވެރިން ރަޖިސްޓްރީ  ކޮށްފައިވާއިރު، 684 އަށްވުރެ ގިނަ ދަނޑުވެރިން މިޕްރޮޖެކްޓްގައި ޝާމިލް ވުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިގޮތުގައި "އެގްރޯނެޓް އުފެދިފައިވަނީ މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި، ކާބޯތަކެތީގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމަށާއި ދަނޑުވެރިކަމުގެ ސިނާއަތު ރާއްޖޭގައި އިތުރަށް ދިރުވާ ފުޅާކުރުމަށެވެ. ފުރަބަންދުގެ ދަތިތަކާއެކުވެސް އަޅުގަނޑުމެންގެ ޓީމުގެ އޮޕަރޭޝަންސް ގޭގައިތިބެގެން ފެށުނެވެ. މިގޮތުން، މިޕްރޮޖެކްޓްގެ މައުލޫމާތު ސަރަޙައްދީ ވިއުގައިގެ ތެރެއިން ފޯރުކޮށްދެވުނެވެ.

"ކޮންޓްރެކްޓް ފާރމިންގ" އަކީ ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓުން އިސްނަގައިގެން ސަރުކާރުގެ މެންޑޭޓްގައިވާ ގޮތުގެމަތިން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމުގައި ފަސޭހަ ގޮތްތައް ހޯދައިދީ އަދި މިސިނާއަތު ކުރިއަރުވަން މަސައްކަތްކޮށް ދިނުމަށެވެ. މިޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތެއްގެ ގޮތުން ކޮންމެ ފަރާތަކުންވެސް 500 އަކަފޫޓުގެ ދަނޑުވެރިކަންކުރާނެ ބިމެއް އެފަރާތުގެ ބެލުމުގެ ދަށުގައި ދަނޑުވެރިކަން ކުރުމަށްޓަކައި އެރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. އަދި ފައިސާ އާއި ގުޅޭ ކަންތައްތައް އޭގެ އެންމެ ސައްޙަ ގޮތުގައި ކުރުމަށް ކަށަވަރު ކުރުމަށްޓަކައި ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ނަމުގައި ބޭންކް އެކައުންޓެއް އޮންނަންޖެހެއެވެ.   

"މިކޮންސެޕްޓުގެ ދަށުން، ދަނޑުވެރިކަމުން ލިބޭ ހުރިހާ ފައިދާ ސީދާކޮށް ލިބިގެންދާނީ ދަނޑުވެރިޔާއަށެވެ. ދަނޑުވެރިން މިޕްރޮގްރާމްގައި ރަޖިސްޓްރީކުރުމުން، އަޅުގަނޑުމެންގެ ޓީމެއް ބިމުގެ ސާރވޭއެއް ކުރުމަށްޓަކައި އެރަށަކަށް ޒިޔަރަތް ކުރާނެއެވެ. އެއީ ދަނޑުވެރިކަން ފެށުމުގެ ގޮތުން ހަވާލުކުރާ ޕެކޭޖް ހަވާލުކުރުމުގެ ކުރިން ކުރެވޭ ސާރވޭއެކެވެ. ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ކެނޑުމަށްފަހު އެސަރަހައްދުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ޓީމުގެ މުވައްޒަފުންނާ ހަވާލުކުރުމުން، އަޅުގަނޑުމެންގެ ޓީމުން ހުރިހާކަމެއް ހަމަޖައްސާދެވޭނެއެވެ. މީގެ ތެރޭގައި މިބާވަތްތައް ވިއްކުމާއި، ރިސޯޓްތަކުން ގަނޑުކޮށް ގަންނަ ފަރާތްތަކަށް މިބާވަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މިގޮތުން، މިބާވަތްތަކަށް ކަނޑައަޅާފައިވާ ހަމައަގުގައި އެބާވަތްތައް އެގްރޯނެޓުން ގަތުމުން، ދަނޑުވެރިންނަށް އެކުރެވެނީ މިމަސައްކަތައް ލިބޭ ހިތްހަމަޖެހުމުގެ ތަޖުރިބާއެކެވެ. މިއިންދައްކުވައިދެނީ އެގްރޯނެޓާއި އެހެން ފަތާރްތަކާ ހުރި ތަފާތެވެ."

މިކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ފަރާތްތައް މިފުރުޞަތުގެ ބޭނުން ކުރުމަށާއި "ކޮންޓްރެކްޓް ފާރމިންގ" ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް އާންމުކޮށް ހުޅުވާލަމެވެ. މިގޮތުން، އަތޮޅުތެރޭގައި ހަރަކާތްތެރިވާ ދަނޑުވެރިންކުރެ މިޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް އެގްރޯނެޓަށް ގުޅުއްވުން އެދެމެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދެވޭނެ ގޮތްތަކަށް ބައްޓަންކޮށްގެން ތަމްރީން ޕްރޮގްރާމް ތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.

އެގްރޯ ނެޝަނަލް ކޯޕަރޭޝަން،,
ހ.އޯކިޑް, B8
އަމީރު އަޙުމަދު މަގު, ދިވެހިރާއްޖެ

info@agronational.mv
+960 3030 400

© އެގްރޯ ނޭޝަނަލް ކޯޕަރޭޝަން 2024